ގަލެކްޓިކޯ އަތުން ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ ނައިސް މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
11/5/2024, 1:14:58 PM
ގަލެކްޓިކޯ އާއި ނައިސް ވާދަކުރި މެޗުގެ ތެރެއިންް.. ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ހައެއްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި 30-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ގަލެކްޓިކޯ އަތުން ބަލިވެ، ބާކީ އެއްމެޗު އޮއްވައި ނައިސް މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި ގަލެކްޓިކޯ ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން 18-9 ގެ ނަތީޖާއަކުން މޮޅިވިއިރު، ދެވަނަ މެޗުގައި ޓީރެކްސް އަތުން އެޓީމު މޮޅުވީ 10-16 ގެ ނަތީޖާއަކުންނެވެ. އަދި ނައިސްގެ ފުރަތަމަ މެޗުގައި ހިޔާ އަތުން 29-5 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އީގަލްސް އަތުން އެޓީމު ބަލިވީ 19-7 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަަށް ކުޅެ ގަލެކްޓިކޯ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 14 ލަނޑުގެ ލީޑަކާއެކު 15-1 ގެ ނަތީޖާއަކުން ގަލެކްޓިކޯ ކުރިގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 15 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ނައިސްއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަލެކްޓިކޯގެ ސަންފާ ރިޝްމީ އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ގަލެކްޓިކޯއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ނައިސް ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.