ޓީރެކްސް އަތުން ބަލިވެ އީގަލްސް މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
11/5/2024, 12:54:12 PM
ޓީރެކްސް އާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރެފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ހައެއްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޓީރެކްސް އަތުން 17-14 ގެ ނަތީޖާއަކުން ބަލިވެ އީގަލްސް މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ގަލަކްޓިކޯ އަތުން 18-9 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ހިޔާ އަތުން އެޓީމު ބަލިވީ 8-25 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި އީގަލްސް އިން ވަނީ 19-7 ގެ ނަތީޖާއަކުން ނައިސް ބަލިކޮށްފައެވެ.
މީގެ އިތުރުން ޓިރެކްސްގެ ފުރަތަމަ މެޗުގައި ގަލަކްޓިކޯ އަތުން 16-10 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ހިޔާ އަތުން އެޓީމު ބަލިވީ 25-6 ގެ ނަތީޖާއަކުންނެވެ. އަދި މިއީ އެޓީމުން މުބާރާތުގައި ކުޅުނު ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 5-7 ގެ ނަތިޖާއަކުން ޓިރެކްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އީގަލްސްް އިން ވެސް ވަނީ އިތުރު ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ ކިޕަރު އައިޝަތު އިނާ އާތިފް އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ޓީރެކްސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އީގަލްސްއަށް ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ހަތަރުވަނައިގައި އޮވެއެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.