ނޯވާ އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ލަޔަންސް މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
11/5/2024, 11:25:42 AM
ލަޔަންސް އާއި ނޯވާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ނޯވާ ސްޕޯޓްސް ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 9-12 ގެ ނަތީޖައަކުން ނޯވާ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ލަޔަންސް ކުޅުނު ފުރަތަމަ މެޗުގައި ޔުނިޓީ އަތުން 18-2 ގެ ނަތީޖާއަކުން ބަލިވިއިރު ދެވަނަ މެޗުގައި ފެސާ އަތުން އެޓީމު ބަލިވީ 8-7 ގެ ނަތީޖާއަކުންނެވެ. އަދި ނޯވާގެ ފުރަތަމަ މެޗުގައި ފިއޮންޓީ އަތުން 16-20 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޔުނިޓީ އަތުން އެޓީމު ބަލިވީ 33-6 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-6 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ނޯވާ އިން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ލަޔަންސްއަަށް ކާމިޔާބުކުރެވުނީ ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޯވާގެ އާމިނަތު ޒީކް ބިންތި މުނާޒް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ތިން ގޯލު ކާމިޔާބުކޮށްދީފައަވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ނޯވާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ލަޔަން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.