ފެސާ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ޔުނިޓީ އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި
ހަސަން ޝަމްއޫން
11/5/2024, 11:22:43 AM
ފެސާއި ޔުނިޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ކުލަބު ޔުނިޓީ އައިލެންޑާސް އާއި ފުލައިން އީގަލްސް ސްޕޯޓްސް އެކަޑަމީ (ފެސާ) ވާދަކުރި މެޗު ފަސޭހަކަމާއެކު 23-7 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޔުނިޓީ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ޔުނިޓީ ކުޅުނު ފުރަތަމަ މެޗުގައި 18-2 ގެ ނަތީޖާއަކުން ލަޔަންސް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ފިއޮންޓީ އަތުން އެޓީމު މޮޅުވީ 30-6 ގެ ނަތީޖާއަކުންނެވެ. އަދި ކުޅުނު ތިންވަނަ މެޗުގައި އެޓީމުން ވަނީ 33-6 ގެ ނަތީޖާއަކުން ނޯވާ ބަލިކޮށްފައެވެ.
މީގެ އިތުރުން ފެސާގެ ފުރަތަމަ މެޗުގައި 8-7 ގެ ނަތީޖާއަކުން ލަޔަންސް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ފިއޮންޓި އަތުން އެޓީމު މޮޅުވީ 20-1 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ފެސާ އިން މުބާރާތުގައި ކުޅޭ ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއް ލަނޑުގެ ލީޑަކާއެކު 6-7 ގެ ނަތީޖާއަކުން ޔުނިޓީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ޔުނިޓީ އިން އިތުރު 16 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފެސާއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް ޔާނާ ނާސިހް އެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ޔުނިޓީ އޮތްއިރު، މިމެޗުން ބަލިވި ފެސާ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.