ޑީއެސްސީ ބަލިކޮށް ފިއުޗާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
11/5/2024, 10:36:52 AM
ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑަމީއާ ޑިއެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ:މާއު ގްރެފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި ހޯމަ ދުވަހުގެ ރޭ ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑަމީއާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 30-44 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފިއުޗާސް އިން މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި އެވެ.
މުބާރާތުގައި މިދެޓީމު ކުޅުނު ފުރަތަމަ މެޗު 22-34 ގެ ނަތީޖާއަކުން ފިއުޗާ ކާމިޔާބުކޮށްފައިވާއިރު، ޑީއެސްސީގެ ދެވަނަ މެޗުގައި ޖީބީ އަތުން އެޓީމު ބަލިވީ 45-25 ގެ ނަތީޖާއަކުންނެވެ. އަދި ފިއުޗާ އިން ކުޅުނު ދެވަނަ މެޗުގައި އެޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 32-35 ގެ ނަތީޖާއަކުން ޖީބީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފިއުޗާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13 ޕޮއިންޓްގެ ލީޑަކާއެކު 12-25 ގެ ނަތީޖާއަކުން ފިއުޗާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 19 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޑީއެސްސި އިން ވެސް ވަނީ އިތުރު 18 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުޗާގެ މުހައްމަދު ޔަޝްމު އަހަުމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނައިގައި ފިއުޗާ އޮތްއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމުން ވަނީ މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ޑީއެސްސީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓިމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ތިން ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.