ތަފާތުބޮޑު ނަތީޖާއަކުން ހަސްކީސް ބަލިކޮށް އެޗުވައިސީ އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
ހަސަން ޝަމްއޫން
11/4/2024, 3:04:49 PM
ހަސްކީސް އާއި އެޗްވައިސީ ވަދަކުރި މެޗުގެ ތެރެއިން ... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ހަތަރެއްގައި ހުޅުމާލޭ ޔޫތު ކުލަބު ( އެޗްވައިސީ) އާއި ހަސްކީސް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 4-48 ގެ ތަފާތުބޮޑޮ ނަތީޖާއަކުން ކާމިޔާބުކޮށް އެޗްވައިސީ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
މުބާރާތުގައި އެޗްވައިސީ ކުޅުނު ފުރަތަމަ މެޗުގައި ޕްރޯ ސްޕޯޓްސް ކުލަބު އަތުން 14-15 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު,، ހަސްކީސްގެ ފުރަތަމަ މެޗުގައި ޒެފްރޯލް އަތުން، އެޓީމު ބަލިވީ 3-41 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެޗްވައިސީ އިން މެޗު ޑޮމިނެޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 21 ލަނޑުގެ ލީޑަކާއެކު22-1 ގެ ނަތީޖާއަކާއެކު އެޗްވައިސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 26 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ހަސްކީސްއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗުވައިސީގެ ފާތުމަތު ރީމާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި އޮތީ އެޗްވައިސީ އެވެ. އަދި މިމެޗުން ބަލިވި ހަސްކީސް ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.