އަޔާޒްގެ މޮޅުކުޅުމާއެކު މައިލޯ ސިޓީ ކަޓުވާލުމަށްފަހު ޗެމްޕިއަން ބޮއްކުރާ ފައިނަލަށް
އަހުމަދު މާހު
11/1/2024, 5:00:02 PM
ބޮއްކުރާއި މައިލޯ ސިޓީ ވާދަކުރި މެޗިގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު
މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ބޮއްކުރާއި މައިލޯ ސިޓީ ކުޅުނު މެޗު 3-0ގެ ނަތީކާއަކުން ކާމިޔާބުކޮށް ޗެމްޕިއަން ބޮއްކުރާއިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މުބާރާތުގެ ސެމީ ފައިނަލުން ބޮއްކުރާ ޖާގަ ހޯދީ ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މައިލޯ ސިޓީ ސެމީ ފައިނަލުން ޖާގަހޯދީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދިި މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ މައިލޯ ސިޓީއެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި, ފުރަތަމަ ހާފުގެ 11ވަނަ މިނެޓުގައި ބޮއްކުރާގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް ވަނީމެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްފައެވެ. މިހާފުގައި ދެޓީމުގެ ފަރާތުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން ބޮއްކުރާ ކުރީގައި އޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބޮއްކުރާއިން އިތުރު ދެ ލަނޑު ކާމިޔާބުކުރިއިރު, މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދު އެވެ. މިހާފުގައިވެސް މައިލޯ ސިޓީން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެން ދިޔައީ 3-0ގެ ނަތީޖާއަކުން ބޮއްކުރާ މި މެޗު ކާމިޔާބުކޮށްގެންނެވެ.
މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައި އެވެ.
25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.