ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި
އަލްފާ އަލީ
10/31/2024, 10:11:39 AM
-
ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހުތައް މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅީ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމަށެވެ. މި ބިލްތައް މިއަދު ފާސްކޮށްފައިވަނީ މަކިލީހުގައި ނެގުނު ވޯޓުގައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ ބޮޑު ކުރުމަށެވެ. އެގޮތުން މިހާރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ %16ގެ ބަދަލުގައި އެއަދަދު %17 އަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަންނަ ޖުލައި މަހުން ފެށިގެން ޓެކްސްބޮޑުކުރުމަށް ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުގައި މިއަދު ވަނީ ފާސްކޮށްފައެވެ.
ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާއިރު، އެކަމާ ގުޅޭ އިސްލާހުގައިވާ ގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މިއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ހުށަހަޅާފަ އެވެ. ބިޒްނަސް ކްލާހުންނަމަ 120 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 ޑޮލަރު ނެގުމަށް ވަނީ ހިމަނާފަ އެވެ. ޑިޕާޗާ ޓެކުހާއެކު އެމިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ބޮޑުކުރުމަށް ވަނީ ފާސްކޮށްފައެވެ.