logoEN
cocacola
 ޝަހުބާންގެ މޮޅު ކުޅުމާއެކު ރެޑް ވިންގްސް ބަލިކޮށް  އޭއެސްއެމްއެޗުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ޝަހުބާންގެ މޮޅު ކުޅުމާއެކު ރެޑް ވިންގްސް ބަލިކޮށް އޭއެސްއެމްއެޗުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

10/21/2024, 1:46:52 PM

# އޭއެސްއެމްއެޗް# ރެޑް ވިންގްސް# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ ޓޯނަމެންޓް 2024

އޭއެސްއެމްއެޗާއި ރެޑް ވިންގްސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ޑަބުލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ރެޑް ވިންގްސް އާއި އޭއެސްއެމްއެޗު ކުޅުނު މެޗު ފަސޭހަކަމާއެކު 08-23 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ އޭއެސްއެމްއެޗުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އޭއެސްއެމްއެޗް ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 14-19 ގެ ނަތީޖާއަކުން ސްކޯޕިއަންސް އެސްސީ އަތުން އެޓީމު މޮޅުވެފައިވާއިރު، މިއީ ރެޑް ވިންގްސް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޭއެސްއެމްޗުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ލަނޑުގެ ލީޑަކާއެކު 10-01 ގެ ނަތީޖާއަކުން އޭއެސްްއެމްއެޗު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރެޑް ވިންގްސްއަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއެސްއެމްއެޗުގެ މުހައްމަދު ޝަހުބާން އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން އޭއެސްއެމްއެޗަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ރެޑް ވިންގްސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ރެޑް ވިންގްސް ނުކުންނާނީ ސްކޯޕިއަންސް އާއި ދެކޮޅައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ސްކޯޕިއަން އެސްސީ އާއި ރެޑް ވިންގްސްގެ އިތުރުން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ