ދެވަނަ ހާފުގައި ގަނާޗޯ އަދި ހޮއިލަންޑް ކާމިޔާބުކުރި ލަނޑުތަކާއެކު ޔުނައިޓެޑުން ބްރެންޓްފޯޑް ބަލިކޮށްފި
ހަސަން ޝަމްއޫން
10/20/2024, 5:41:29 AM
ޔުނައިޓެޑްގެ ކުޅުންތެރިން ބްރެންޓްފޯޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ 11 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅެއް ހޯދިފައިނުވާއިރު، އޭގެ ތެރެއިން އެއް މެޗުން ބަލިވެ އަނެއް ހަތަރު މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މީގެ އިތުރުން ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗުން ބަލިވެ، ދެމެޗުން މޮޅުވެފައިވާއިރު އަނެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ރޭގެ މެޗުގައި މޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްރެންޓްފޯޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖެމައިކާ ޑިފެންޑަރު އީތަން ޕިނޮކްއެވެ.
ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފު ފެށިގެން ދެވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ އެޓީމިގެ ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ. މިއީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 11 ޕޮއިންޓް ލިވިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑަށް އަށް މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ