logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު އޭއެސްއެމްއެޗުން  ވެމްކޯ ބަލިކޮށްފި

ވާދަވެރި ކުޅުމަކަށްފަހު އޭއެސްއެމްއެޗުން ވެމްކޯ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

10/18/2024, 4:45:00 PM

# ކުލަބު ވެމްކޯ# އޭއެސްއެމްއެޗް# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ވެމްކޯ އާއި އޭއެސްއެމްއެޗް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ކުލަބު ވެމްކޯ އާއި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 10-13 ގެ ނަތީޖާއަކުން އޭއެސްއެމްއެޗް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އޭއެސްއެމްއެޗު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 6-9 ގެ ނަތީޖާއަކުން އައުޓްލޯޒް އަތުން ބަލިވެފައިވާއިރު، މިއީ ވެމްކޯ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އޭއެސްއެމްއެޗުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ޕޮއިންޓްގެ ލީޑަކާއެކު 4-7 ގެ ނަތީޖާއަކުން އޭއެސްއެމްއެޗު ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ވެމްކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއެސްއެމްއެޗުގެ އާމިނަތު ރާޔާ މުހައްމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން އޭއެސްއެމްއެޗަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ވެމްކޯއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒްގެ އިތުރުން ދެން ހިމެނެނީ ފިޓް ފެމިނިން، ޑީއާރުސީ އަދި ކުލަބު ވެމްކޯ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ އަންހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ