ހުޅުމާލެ ފޭސް 1 ގައި ހިންގި ރެއިޑެއްގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އަހުމަދު ޝުރާއު
10/16/2024, 12:12:31 PM
--
ހުޅުމާލެ ފޭސް 1 ގައި ހިންގި ރެއިޑެއްގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލެ ފޭސް 01 ގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 03 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އަދި މިތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 2 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.
މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.