ޓެކްސް ބޮޑުކުރުމަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދެއް ނުވާނެ - ނިޒާރު
އަހުމަދު ޝުރާއު
10/15/2024, 1:39:33 PM
--
ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ދަށްވާނެ ކަމަށް އިދިކޮޅުން ދައްކަމުންދާ ވާގަކަތަކަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ރައްދުދެއްވައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެއްވަމުން މިއަދު ނިޒާރު ވިދާޅުވީ ފަތުރުވެރިކަމާއި ބެހޭ ދާއިރާތަކުން ޓެކްސް ބޮޑުކުރުމަކީ މި ސަރުކާރުން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މީގެ ކުރިންވެސް ސަރުކާރުތަކުން ޓެކްސް ބޮޑު ކުރި ނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އޭގެ އަސަރު ނުކުރާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ބޮޑު ކުރި ނަމަވެސް ރާއްޖޭގެ ރީތިކަން ބަލައިލަން ފަތުރުވެރިން އަންނާނޭކަން ނިޒާރު ފާހަގަކުރެއްވި އެވެ.
އަދި ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ފަތުރުވެރިން ގެނެވޭނެ މާކެޓުތައް ހޯދައި އެމާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުން މުހިންމު ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ނިޒާރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ ދައުރު އިތުރުކުރަމަށް މަސައްކަތް ކުރުމަށާއި ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ދިވެހީންގެ ދައުރު އިތުރުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ވެސް ސަރުކާރަށް ގޮވާލާފައި އެވެ.
ނިޒާރު ވަނީ މި ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މަގްސަދު އޮޅުވާލުމަށް އެފަރާތްތަކުން ކުރަމުންދާ މަސައްކަތާއި މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.
ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިފަދަ އިސްލާހުތަކެއް ސަރުކާރުން ގެންނަނީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ކަމަށް ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ މި ޓެކްސްތައް އިތުރުކޮށްގެން އަންނަ އަހަރުގެ ނިޔަލަށް 1.87 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މި އާމްދަނީ ސަރުކާރުން ބޭނުންކުރާނީ ދިވެހި ރައްޔިތުންގެ ތަރައްޤީގެ މަޝްރޫއުތަކަށާއި އިގްތިސޯދު އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.
ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކުރަން ނިންމައި ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށާއި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ ފަސެންޖަރުންގެ އަތުން ނަގާ ޓެކްސްތަކަށްވެސް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ހުށަހަލާފައި އެވެ.