
ދައުލަތުގެ ދަރަންޏާއި ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު މަޖިލީހުން ފާސްކޮށްފި
# ރައްޔިތުންގެ މަޖިލިސް--
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދަރަންޏާއި ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ.
ދެ ބިލް ފާސްކުރަން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި 81 މެންބަރަކު ވޯޓު ދެއްވި އެވެ. ދެ ބިލް ވެސް ފާސްކޮށްފައިވަނީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
މި ބިލު، ރައީސް ތަސްދީގުކުރެއްވުމާއި އެކު ރާއްޖޭގައި ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓެއް ނުވަތަ ދަރަނި މެނޭޖުކުރުމަށް ޚާއްސަ ޑިޕާޓްމަންޓެއް ގާއިމްކުރަންޖެހެއެވެ. އަދި އެ ޑިޕާޓްމަންޓުން ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސައްކަތް ކުރަންޖެހޭއިއިރު ބިލު ޤާނޫނަކަށްވާތާ 6 މަސްދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް ޤާއިމުކުރަންޖެހޭނެއެވެ. ސަރުކާރުން ހުށަހެޅުއްވީ ޑެޓް މެނޭޖްމަންޓް އޮފީހެއް ޤާއިމުކުރުމަށެވެ. ނަމަވެސް އެއީ މާލީ ވުޒާރާގެ ދަށުން ހިންގާ އިދާރާއަކަށްވާތީ އެ އިދާރާގެ ނަން "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް"އަށް ބަދަލުކޮށްފައިވަނީ މާލިއްޔަތު ކޮމިޓީން ބިލު ދިރާސާކުރުމުގެ މަރުހަލާގައެވެ.މި ބިލު ޤާނޫނަކަށްވުމުން މާލީ ވުޒާރާގެ މިހާރުގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހުރިހާ ޒިންމާއެއް އަލަށް އުފެދޭ އިދާރާގެ ދަށަށް ބަދަލުވާނެއެވެ. މި ބިލުގައި ދައުލަތުގެ ދަރަނި ނެގުމާބެހޭ އުސޫލުތަކާއި މެނޭޖުކުރުމުގެ އުސޫލުތަކާއި ދަރަންޏާއި ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާ ދަރަންޏަށް ސޮވްރިން ގެރެންޓީ ދިނުމާބެހޭ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.ސްކަލް ޒިންމާގެ ބިލްގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ. އެކަމަކު މިހާރު އަމަލުކުރާ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން ސަރުކާރަށް އެމްއެމްއޭއިން އެޑްވާންސްކޮށް، ފައިސާ ނެގޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އެވެ. ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތެރެއިން އެއް ޕަސެންޓަށްވާ މިންވަރަށް އޯވަޑްރޯ ކުރެވުނު ނަމަވެސް، މިހާތަނަށް ސަރުކާރުން އެ ފައިސާ ނަގާފައެއް ނުވެ އެވެ. ސަރުކާރުން އެގޮތަށް ނަގާ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ އިރު، އެމްއެމްއޭ އިން އެ ފައިސާ ދޫކުރާނީ މާކެޓް އިންޓްރެސްޓުގަ އެވެ.
މި ބިލް ރައީސް ތަސްދީގު ކުރެއްވުމާއެކު، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އުވާލާނެ އެވެ.
ފިސްކަލް ޒިންމާގެ ބިލުގައި ދައުލަތުގެ ފިސްކަލް ޕޮލިސީ، ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމަށް ގިނަ ކަންކަން ވަނީ ހިމަނާފައެވެ. އެގޮތުން، މާލީ ވުޒާރާއިން ފިސްކަލް ޕޮލިސީ އެކުލަވާލަންޖެހޭއިރު ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 މަސްދުވަހުގެ ތެރޭގައި އެ ސަރުކާރެއްގެ 5 އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި ޗާޓަރު އެކުލަވާލަން ޖެހޭނީ ފިސްކަލް ޕޮލިސީގެ ހަމަތަކަށް ބިނާކޮށް ކަމަށް ވަނީ ބުނެފައެވެ.