އަލް އަގްސާ ހޮސްޕިޓަލުގެ ގޯތި ތެރެއަށް ޔަހޫދީން ބޮން އަޅައި 4 މީހަކު ޝަހީދުކޮށްލައިފި
އަހުމަދު ޝުރާއު
10/14/2024, 3:56:10 AM
ޔަހޫދީ އިޒްރޭލުން ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލަށް މިއަދު ފަތިހު ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީ އިޒްރޭލުން ވައިގެ މަގުން ހަމަލާދީފައިވަނީ އަލް އަގްސާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ މީހުންނަށް އަމާޒުކޮށެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްއަޤްޞާ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުންނަ ޑިސްޕްލޭސްމަންޓް ޓެންޓުތަކަށް އިސްރާއީލުން ދިން މި ހަމަލާގައި 4 މީހަކު ޝަހީދުވެ، 70 މީހުން ޒަހަމްވެފައިވާކަމަށް އަލް ޖަޒީރާއިން ބުނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާފަދަ އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ގިނަ ކަމަށާއި މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރު ވުމުގެ ބިރު އޮތް ކަމަށް އަގްސާ ހޮސްޕިޓަލުގެ އޮފިޝަލުންނާއި ހަވާލާދީ އަލް ޖަޒީރާއިން ބުނެއެވެ.
އިޒްރޭލުން މި ހަމަލާދިން ވަގުތަކީ ނުސީރަތަށް ޔަހޫދީން ހަމަލާދިނުމާއި ގޮތުން އެހަމަލާގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ފަރުވާއަށް އެހޮސްޕިޓަލަށް ގެނައި ވަގުތެވެ. ނުސީރަތަށް ޔަހޫދީން ދިން ހަމަލާގައި 20 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއި ބުނެފައިވަނީ އެގައުމުގެ ވައިގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ "ދީރް އަލް ބަލާހް ސަރަހައްދުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ޓެރަރިސްޓުންނަށް" ކަމަށެވެ. އަދި ކޮމާންޑް ސެންޓަރަކީ އަލްއަޤްޞާ ހޮސްޕިޓަލްގެ ގޮތުގައި "ކުރިން ހިދުމަތް ކުރި" ކަމަށް ބުނާ ކޮމްޕައުންޑެއްގެ ތެރޭގައި އެމްބެޑްކޮށްފައިވާ ސެންޓަރެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.