އެއާޕޯޓު ޓެކްސްތައް ބޮޑުކުރަނީ, ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހީންނަށްވެސް އަސަރުކުރާނެ!
އަހުމަދު ޝުރާއު
10/14/2024, 3:10:06 AM
--
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ނަގާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ގެމަނަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަސަދުﷲ ޝިހާބު އެވެ. އެގޮތުން މި ބިލުގެ ފުރަތަމަ ކިޔުން މިއަދު 9 ޖަހާއިރު ފަށާ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަަމ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
ސަރުކާރުން ހުށަހެޅި މި ބިލުގެ ސަބަބުން އަސަރުކުރާ ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހީންނަށެވެ. ނަމަވެސް އެކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހީންގެ އަތުން ނަގާ ޓެކްސްއަށް އިތުރު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައެއް ނުވެއެވެ. ސް އެކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހީންގެ އަތުން މިހާރު ނަގަމުން މިހާރު ވެސް ނަގަމުންދަނީ ކޮންމެ ފަސިންޖަރަކަށް ޑިޕާޗާ ޓެކްސް އަށް 12 ޑޮލަރާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރެވެ.
ސަރުކާރުން ހުށަހެޅި ބިލްގައި ވަނީ އެކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ 50 ޑޮލަރަށް ބޮޑުކުރުމަށެވެ. މީގެ ކުރިން އެކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގަމުން ދިޔައީ 30 ޑޮލަރުގެ ފީއެކެވެ.
ބިލްގައި އިތުރަށް ބުނެފައިވާ ގޮތުގައި ބިޒްނަސް ކްލާސް, ފަސްޓް ކްލާސް އަދި ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުންވެސް ނަގާ ފީއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަން ނިންމާފައެވެ. އެގޮތުން ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ 120 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފައި އެވެ. މީގެ ކުރިން ބިޒްނަސް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގަމުން އައި 60 ޑޮލަރެވެ. މިއާއި އެކު މި އިސްލާހު ފާސްވެއްޖެ ނަމަ މިއީ 100 އިންސައްތައިގެ އިތުރުވުމެޖެވެ.
ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވަނީ 240 ޑޮލަރަށެވެ. އެއީ 165 އިންސައްތައިގެ އިތުރުވުމެކެވެ.
އޭގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނެގުމަށް ވެސް ވަނީ ހުށަހަޅާފައި އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަދަދުތަކާ އެއްގޮތަށް ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ވެސް ނަގާނެ އެވެ. އެހެން ކަމުން މަތީގައިވާ އަދަދުތައް ދެގުނަވެގެންދާނެ އެވެ.
ބިލްގައި ބުނެފައިވާގޮތުގައި މި ބަދަލުަތަކާއި އެކު ޑިޕާޗާ ޓެކްސް އަށް ލިބޭ ޑޮލަރުން ރިޒާވް އިތުރުވާނެ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަށް އިތުރުވާ އަދަދު ޖަމާކުރާނީ މިހާރެކޭ އެއްގޮތަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށެވެ. މި ގެންނަ ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
ސަރުކާރުން އެ އިސްލާހަށް އަމަލު ކުރަން ހުށަހަޅާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.