
ތާރީހީ ދުވަހެއް: ރާއްޖޭގައި ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް ލައިސެންސް
# ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް--
ރާއްޖޭގައި މުޅިން އަލަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ, އެމްއެމްއޭއިން ލައިސެންސް ދޫކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ފަރާތުން ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސްގެ ލައިސެންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު އެވެ. އަދި ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލައިސެންސްއާއި ހަވާލުވެވަޑައިގެންނެވީ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ލައިސެންސްއާއި ހަވާލުވުމަށްފަހު މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލަށް އުފައްދާ އެބޭންކުގެ ލައިސެންސްއާއި ހަވާލުވުމުގެ ޝަރަފު ލިބުނީތީ އުފާކުރައްވާ ކަމަށާއި މިއީ ރައީސް ޑރ މުހައްމަދު މުޢިއްޒު ގެ މެނިފެސްޓޯއާއި، އިޤްތިޞާދީ ތަރައްޤީގެ ތަޞައްވުރުގައި މުހިންމު ކާމިޔާބީއެއް ކަމަށެވެ.
ޑީބީއެމްއެލް އުފައްދަން ހުއްދަ އަށް އެދި އިކޮނޮމިކް މިނިސްޓްރީން އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 28 ގަ އެވެ.
އެ ބޭންކުގެ އިސް މަގާމުތަކަށް ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ބޭރުގެ ތަޖުރިބާކާރުންތަކެއް ވެސް އައްޔަންކޮށްފައިވެ އެވެ. އެގޮތުން ސީއީއޯގެ މަޤާމަށް އައްޔަންކިރީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އެވެ. އަދި ޗެއާޕާސަނަކަށް އައްޔަންކުރީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.
މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައީސް ޑރ މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޚާއްޞަކޮށް ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި މި ބޭންކު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.