
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފި
# ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް--
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފިއެވެ.

މިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ މއ. ވޭސައިޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ އާއި، ރިޕަބްލިކް އޮފް ސިންގަޕޫރުގެ މިސްޓަރ ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނެއިދު އަދި އުނައިޓެޑް ކިންގްޑަމްގެ މިސްޓަރ ރޮބަރޓް ޑެނިއެލް ކާންޓެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
ރައީސް މުއިއްޒު މި ކުންފުނި އުފެއްދެވީ މިއަހަރުގެ މޭމަހުގެ 16 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެއެވެ.