ޕޮކެޓް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް އެޗްޑީސީ އިން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި
ހަސަން ޝާއިން
10/12/2024, 12:36:45 AM
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހުޅުމާލެއިން ދޫކުރާ ޕޮކެޓް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި ފުރުސަތުގެ މުއްދަތު އޮކްޓޯބަރު 17 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ޕާކިން މައްސަލައަށް ހައްލު ހޯދުމަށް އެޗްޑީސީން އިއުލާންކޮށްފައި ވަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން ދޫކުރާ 1،374 ޕާކިން ޖާގަ އަށް ކުރިމަތިލުމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. އެވެ.މި ސްލޮޓްތަކަށް ކުރިމަތިލުމާ ގުޅޭގޮތުން އެޗްޑީސީން ނެރުނު ބަޔާނުގައިވާ ގޮތުން، 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މި ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެއެވެ. އަދި ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ ބީ1 ނުވަތަ ސީ1 ގެ ވެހިކަލްއެއް އޮންނަންވާނެއެވެ. ހަމައެއާއެކު ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.އެޗްޑީސީން ބުނީ ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށެވެ. އެއަށްފަހު، (ހުޅުމާލެ ފިޔަވައި) މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.