logoEN
cocacola

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވެމްކޯގެ ފާތިމަތު ޖޫޒަން ޒަރީރު

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި މިރޭ ވެމްކޯއާއި ގުޑީސް ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވެމްކޯ އިން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) އަތުން މޮޅުވައިވާއިރު، ގުޑީސްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން އަސްދިޤާ ސްޕޯޓްސް ކްލަބު އަތުން ބަލިވެފައެވެ.

މިމެޗުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ސެޓް އެޓީމުން ކާމިޔާބުކުރީ 08-25، 06-25 އަދި 09-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒަން ޒަރީރު އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ވެމްކޯއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ގުޑީސް ކުޅުނު ދެ މެޗުންވެސް ބަލިވެ އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.

ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަދު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.

މީގެ އިތުރުން މިބާރާތުގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، 15:30 ގައި ފަށާ ފުރަތަމަ މެޗުގައި ވެމްކޯ ނުކުންނާނީ އަސްދިޤާ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި 17:00 ގައި ފަށާ ދެވަނަ މެޗުގައި ޕޮލިސް ކުލަބާއި ދެކޮޅަށް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން (ވީވައިއެންޖީ) ނުކުންނައިރު، މާދަމާ ރޭ 20:30 ގައި ފަށާ ތިންވަނަ މެޗުގައި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކުލަބުން ނުކުންނާނީ ގުޑީސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ