ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަނީ
އަހުމަދު ޝުރާއު
10/9/2024, 6:10:58 PM
--
ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރެއްވީ އެންޑީއޭގެ 9ވަނަ ބޯޑު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބޯޑުން ވަނީ ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި ޕްރޮގްރާމްތަކަށް ފެސިލިޓޭޓަރުންނަށް ލައިސަންސް ދޭނެ މިންގަނޑެއް ކަނޑައެޅުމަށް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ޑްރަގް ކޯޓާއި ސީއެސްސީއާއެކު ކުރަން ޖެހޭ މުހިންމު ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ވެސް ބޯޑުން ވަނީ ނިންމަވާފައެވެ.
ސަރުކާރުން އެން.ޑީ.އޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރާ ހޭދަވަނީ އެތަކެއް ގުނައެއް އިތުރުކޮށްފައެވެ.
ދާޚިލީ ވުޒާރާއިން ގ.ދ އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު އެމްއޯޔޫއެއްގައި ދާދި ފަހުން ވަނީ ސޮއިކޮށްފައެވެ.
މި އެމްއޯޔޫތަކުގެ މަޤްޞަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް ދާޚިލީ ވުޒާރާއެކު މަސައްކަތް ކުރަމުންދާއިރު ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.
މިއީ ކުށްމަދު ކުރުމަށް ރަށު ރައްޔިތުންގެ އެކުލެވޭހެން އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީގައި މިމަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއިއެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ޤާއިމްކުރުމެވެ.
މި އެއްބަސްވުންތަކާއެކު، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ހުރިޙާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ޤަބިލީއްޔަތުކަން ހުރިމިންވަރަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް ކުރާ މަސައްކަތެކެވެ.