ސީދާ ތިން ސެޓުން ގުޑީސް ބަލިކޮށް އަސްދިގާ އިން މުބާރާތް ފެށީ އިތުބާރާއެކު
ހަސަން ޝަމްއޫން
10/9/2024, 12:21:24 PM
އަސްދިގާ ސްޕޯޓްސް ކުލަބުގެ ފާތުމަތު ނާސިހާ..
މިއަދު ފެށި ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަން ފުރަތަމަ މެޗުގައި އަސްދިގާ ސްޕޯޓްސް ކުލަބާއި ގުޑީސް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް އަސްދިގާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ސެޓުގައި އަސްދިގާ ސްޕޯޓްސް ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު އެޓީމުން ކާމިޔާބުކުރީ 13 ޕޮއިންޓްގެ ފަރަގަކާއެކު 12-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ގުޑީސް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، ވާދަވެރި ކުޅުމަކަށްފަހު އަސްދިގާ އިން ސެޓް ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ގުޑީސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އަސްދިގާ އިން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ލީޑަކާއެކު 15-25 ގެ ނަތިޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސްދިގާ ސްޕޯޓްސް ކުލަބުގެ ފާތުމަތު ނާސިހާ އެވެ.
09 އޮކްޓޯބަރު 2024 އިން 14 އޮކްޓޮބަރު 2024 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބާއި ތިން ވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އަސްދިގާ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.
މީގެ އިތުރުން މިއަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.
ހަ އަހަރުގެ މެދުކެޑުމަކަށްފަހު، ގައުމީ ލީގުގެ އަންހެން ޑިވިޝަން ކުޅުން މިއަދު އަލުން ފެށިއިރު، އެންމެ ފަހުން ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައި ވަނީ، 2017 ވަނަ އަހަރެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމަލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.