ފުޓްސަލް ވޯލްޑްކަޕް: އާޖެންޓީނާ ބަލިކޮށް ބްރެޒިލް ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
10/6/2024, 6:47:24 PM
ބްރެޒިލްގެ ކުޅުންތެރިން މުބާރާތުގެ ތައްޓާއެކު އުފާފާޅުކުރަނީ
ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް، ބްރެޒިލް އިން ހަވަނަ ފަހަރަށް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމު ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ފެރާއޯ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފާ ސަންޓޯސް އެވެ. އަދި މިމެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 38 ވަނަ މިނެޓުގައި ކަމިޔާބުކޮށްދިނީ މަޓިއަސް ރޯސާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖައަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
މީގެ އިތުރުމް މިއީ މިހާތަނަށް ބޭއްވި ފުޓްސަލް 10 ވޯލްޑް ކަޕްގެ ތެރެއިން ބްރެޒިލް ފައިނަލުގައި ކުޅުނު ހަތްވަނަ ފައިނަލެވެ. އަދި އޭގެތެރެއިން ބަލިވީ 2000 ވަނަ އަހަރުގެ ފައިނަލްގައި ސްޕެއިން އަތުންނެވެ. އަދި ސްޕެއިން ވަނީ އެއަށް ފަހު 2004 ވަނަ އަހަރު އޮތް މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
މީގެ އިތުރުން ބްރެޒިލް ވަނީ 2004 އަދި 2021 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އާޖެންޓީނާ އަތުން މޮޅުވިއިރު، 2021 ވަނަ އަހަރު ތިންވަނަ ހޯދީ ކަޒަކިސްތާނު ބަލިކުރުމަށްފަހު އެވެ. އަދި މިއަހަރުގެ ފައިނަލަކީ އާޖެންޓީނާ ޖެހިޖެހިގެން ފުޓްސަލް ވޯލްޑް ކަޕްގައި ވާދަކުރި ތިންވަނަ ފައިނަލެވެ. އެންމެ ފަހުން 2021 ވަނަ އަހަރުގެ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވި އިރު، އޭގެ ކުރިން 2016 ވަނަ އަހަރު ވަނީ ފައިނަލްގައި ރަޝިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފައިނަލް މެޗުގެ ކުރިން މިއަދު ކުޅުނު ތިންވަނަ ހޮވި މެޗުގައި ޔޫކްރޭނުން ވަނީ ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ރާންސް ބަލިކޮށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.