ޖޯޓާގެ ހަމައެކަނި ލަނޑާއެކު ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ލިވަޕޫލުން ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
10/5/2024, 2:33:35 PM
ޑިއޭގޯ ޖޯޓާ ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ލިވަޕޫލުން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 1-2 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެފައިވާއިރު، ކްރިސްޓަލް ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ނަތީޖާއަކުން އެވަޓަން އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕެލަސް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޯޓާއެވެ. މިއީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ކްރިސްޓަލް ޕެލަސް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ލިވަޕޫލަށް 18 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލްސް ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.