ފަހުވަގުތު ޕޯޓޯއަތުން ޔުނައިޓެޑް ސަލާމަތްކޮށްދިނީ މެގުއާ
ހަސަން ޝަމްއޫން
10/3/2024, 8:57:25 PM
މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯ ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޔުރޮޕާ ލީފުގައި މިރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ޕޯޓޯ އާއި ދެކޮޅަށް ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 3-3 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ޔުނައިޓެޑުން ޕޯޓޯ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
މި މުބާރާތުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސްގެ ޓުވަންޓޭއާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ޕޯޓޯގެ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ބޯޑޯ/ގްލިމްޓް އަތުން 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެންމާކުގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ.
ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ޕޯޓޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި ޕޯޓޯ އިން ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ސަމޫ އަގެހޯވާ އެވެ. އަދި މިލަނޑާއެކު ފުަރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޕޯޓޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އަގެހޯވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ޔުނައިޓެޑުން އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއެވެ.
ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު ފަހުހާފުގެ 81 ވަނަ މިނެޓުގައި ކެޕްޓަން ބުރޫނޯ ފެނާންޑޭޒަށް ދެވަނަ ރިނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީބައި ޔުނައިޓެޑުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް އެންމެ ފަހުވަގުތުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު ހެރީ މެގުއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއަވަރުވެފައި އޮވެގެންނެވެ. އަދި މިނަތީޖާއެކު ކުޅުނު ދެމެޗުން ޔުނައިޓެޑަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ 36 ޓީމު ހިމެނޭ ލީގު ތާވާލުގެ 21 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ޕޯޓޯ މިވަގުތު އޮތީ ލީގު ތާވަލުގެ 24 ވަނައިގައެވެ.