ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ގުރުލުން މިރޭ ބާއްވައިފި
ހަސަން ޝަމްއޫން
10/2/2024, 5:39:39 PM
ގައްދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ގުރުލުން މިރޭ ބާއްވައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ގައްދޫ ފުޓްސަލް ދަނޑުގައި މިރޭ ބޭއްވި ގުތުލުމުގެ ތަސްމިޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލަުންގެ އިތުރުން ގައްދޫގެ މުއްސަސާތަކުގެ އިސްވެރިންނާއި ރަށު ކައުންސިލްގެ މެންބަރުން ބައިވެރިވެފައިވެއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 13 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ސީނިއަރ ފިރިހެން ހަތް ޓީމާއި ޖޫނިއަރ ފިރިހެން ހަ ޓީމެވެ. އަދި ދެ ޑިވިޝަނަކަށް ކުރިއަށްގެންދާ މިމުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ފިރިހެން ޖޫނިއަރ ޑިވިޝަނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ހަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
25 އޮކްޓޯބަރު 2024 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނި 03 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ރޭ އެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.
މިމުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ގައްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި، ގައްދޫ ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.
މުބާރާތުގެ ޑިވިޝަންތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވާ ގޮތުގެ ތަފްސީލް
ފިރިހެން ޑިވިޝަން:
- އެއްވަނަ ޓީމް: 155,000.00 ރުފިޔާ
- ދެވަނަ ޓީމް:80,000.00 ރުފިޔާ
- ތިންވަނަ ޓީމް:40,000.00 ރުފިޔާ
- ފުޓްސަލް ކިންގް:10,000.00 ރުފިޔާ
ޖޫނިއަރ ޑިވިޝަން:
- އެއްވަނަ ޓީމް:25,000.00 ރުފިޔާ
- ދެވަނަ ޓީމް:15,000.00 ރުފިޔާ
- ތިންވަނަ ޓީމް:7,500.00 ރުފިޔާ
- ފުޓްސަލް ޕްރިންސް:5,000.00 ރުފިޔާ