logoEN
cocacola
އަމިއްލަ ދަނޑުގައި އޮސަސޫނާ އިން ބާސެލޯނާ ބަލިކޮށްފި

އަމިއްލަ ދަނޑުގައި އޮސަސޫނާ އިން ބާސެލޯނާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

9/28/2024, 9:28:17 PM

# ލަލީގާ# ބާސެލޯނާ# ބޭރު ދުނިޔޭގެ ކުޅިވަރު# އޮސަސޫނާ

ބާސެލޯނާ އާއި އޮސަސޫނާ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮސަސޫނާ އިން ލީގު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ގެޓާފޭ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އޮސަސޫނާ އިން ލީގުގައި އެންމެ ފަހުން ވެލެންސިއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި އޮސަސޫނާ އިން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އެންޓޭ ބުޑިމިއާ އެވެ.

މިއީ އެޓީމުގެ ޒުވާން ފޯވާޑް ބްރަޔާން ޒަރަގޯޒާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރަޔާން ޒަރަގޯޒާ އެވެ.

މީގެ އިތުރުންވެސް މިހާފުގައި ކައުންޓާ އެޓޭކުތަކުގައި އޮސަސޫނާ އިން ބާސެލޯނާގެ ގޯލަށް ނުރައްކާކުރިއިރު، މިހާފުގައި އޮސަސޫނާގެ ގޯލާއި އަމާޒުކޮށް ބާސެލޯނާއަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބާސެލޯނާ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޕައު ވިކްޓަރ އެވެ.

އޮސަސޫނާ އިން މިމެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޒަރަގޯޒާ ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަބެލް ބްރެޓޯންސް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ބާސެލޯނާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އޮސަސޫނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން އޮސަސޫނާއަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައަިގައެވެ. އަދި މިމެޗުން ބަލިވި ނަމަވެސް ލީގުގައި ކުޅުނު އަށް މެޗުން ހޯދި 21 ޕޮއިންޓާއެކު ބާސެލޯނާ އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިއީ މިސީޒަނުގައި ލީގު މެޗެއްގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ