logoEN
cocacola

އަލް ނަސްރު އާއި އަލް ވެހްދާ ވާދަކުރި މެޗުގެ ތެރެއިން..

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލް ވެހްދާ ބަލިކޮށް، އަލް ނަސްރުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު އަތުން މޮޅުވެފައިވާއިރު، އަލް ވެހްދާ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން އަލް ޚުލޫދު އަތުން ވަނީ ބަލިވެފައެވެ. އަދި މިދެޓިމު އެންމެ ފަހުން ކުޅުނު މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ޒުވާން ފޯވާޑް އެންޖެލޯ އެވެ. މިއީ މިސީޒަނުގައި އެޓީމާއި އަލަށް ގުޅުނު އުމުރުން 19 އަހަރުގެ ފޯވާޑް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އަލް ނަސްރުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިމެޗުގައި އަލް ވެހްދާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ވަލީދު ބަޝްވީންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން އަލް ނަސްރަށް 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ވެހްދާއަށް ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ