ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާ ތާރީހު ފަސްކޮށްފި
އަހުމަދު ޝުރާއު
9/27/2024, 5:10:20 PM
--
ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ ) ގެ އެތެރޭގެ އިންތިހާބު ބާއްވާ ތާރީހު ފަސްކޮށްފި އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލު ކުރި އެޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ. އެގޮތުން އިންތިހާބު ބޭއްވުން މިހާރު ނިންމާފައިވަނީ ނޮވެމްބަރު 9 ވަނަ ދުވަހު ކަމަށް ވަނީ ބުނެފައި އެވެ.
ޕީއެންސީން އިތުރަށް ބުނީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަށްވެސް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 24 އޮކްޓޯބަރު ވަނަ ދުވަސްކަމަށާއި ހަވީރު 18:00 އާ ހަމައަށް ކަމަށާއި މި މުއްދަތުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުރި ކޮންމެ މީހަކަށްވެސް މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތުވެސް ލިބިގެންދާނީ އެތާރީހަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެމްބަރުންނަށް އެކަންޏެވެ.
މި އިންތިހާބުގައި އިންތިހާބުކުރުމަށް ނިންމާފައިވާ މަގާމުތައް
- ދާއިރާގެ ރައީސުން
- ދާއިރާގެ ނައިބު ރައީސުން
- ޒުވާނުންގެ ހަރަކާތުގެ ރައީސުން
- އަންހެނުންގެ ހަރަކާތުގެ ރައީސުން
- ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރެވިގެންދާނެއެވެ.
ޕީއެންސީން މީގެ ކުރިން ބުނީ މި އިންތިހާބުގައި ދާއިރާތަކުގެ ރައީސްކަމަށްް ވާދަކުރެވޭނީ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުން ނެތް ދާއިރާތަކަށް ކަމަށާއި މަޖިލިސް މެމްބަރުން ތިބި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުން ކަމަށެވެ. އަދި ދައިރާތަކުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުން ވަކި އަދަދަކަށް މެމްބަރުންގެ ފޯމު ހުށައަޅަންޖެހޭނެކަމަށްްވެސް ވަނީ ބުނެފައި އެވެ.