logoEN
cocacola
ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންހެނުން ނެރެން ޚާއްސަ ކެމްޕެއިނެއް ފަށާނަން - އަމީން

ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންހެނުން ނެރެން ޚާއްސަ ކެމްޕެއިނެއް ފަށާނަން - އަމީން

އަހުމަދު ޝުރާއު

logo

9/26/2024, 3:30:25 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންހެނުން ނެރުމަށް ޚާއްސަ ކެމްޕެއިނެއް ފަށަން ނިންމާފައިވާކަން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާމަކުރައްވައިފި އެވެ.

ގޮސިޔާ

އަމީން މިފަދައިން ހާމަކުރެއްވީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ހިތޯބެއްގައި އެވެ.

އަމީންގެ ހިތޯބުގައި ވިދާޅުވީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އިން 76 އަހަރުގެ ތަޖުރިބާއާއިއެކު ކަނޑުދަތުރުފަތުރުގެ މަސައްކަތްތަކުގައި ރައްކާތެރިކަމަށް އިސްކަންދިނުމަކީ އެންމެ އިސްކަންދޭ އަސާސް ކަމަށާއި އާ ޓެކްނޮލޮޖީތަކާއިއެކު ޒަމާނަށް ފެތޭގޮތަށް ގަވާއިދުތައް ބަދަލުކުރަމުންދަނީ ކަނޑުދަތުރުފަތުރު ކުރުމުގައި އިންސާނުންނާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ބާރުއަޅައި އެކަމަށް މީހުން އަހުލުވެރިކުރުމަށް ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގައި ވެސް މިދާއިރާގެ ކަންތައްތައް ކުރިއަށް ގެންދާނީ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ނެރެ, ރައްޔިތުންނަށް ފަސޭހަކަމާއިއެކު ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ކުރެވޭނެ ގޮތްގޮތަށް މަގުތައްކޮށައި އާރާސްތުކޮށްގެން ކަމަށް އަމީން ވިދާޅުވިއެވެ.

އަދި އަމީން ވިދާޅުވީ ކަނޑުމަތީގެ ދާއިރާގައި ޓެކްނޮލޮޖީގެ އިންގިލާބެއް އައިސްފައިވާ ކަމަށާއި އެގޮތުން ޑިޖިޓަލައިޒޭޝަންއާއި އޮޓޮމޭޝަންގެ ރޮނގުން ބޮޑެތި ބަދަލުތަކެއް ދާއިރާއަށް އައިސްފައިވާކަން އުފަލާއިއެކު ފާހަގަކުރާ ކަމަށެވެ. މިކަމުގެ ސަބަބުން އާއްމު ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުރުސަތުތަކެއް ވަނީ ފަހިވެފައި ކަމަށް އަމީން ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަވާކަމެއްކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ގްރީންހައުސް ގޭސް މަދުކުރުމުގައި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ދެނެގަނެ ޢަމަލީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އަމީން ވިދާޅުވީ ދުނިޔޭގެ ވިޔަފާރީގެ %90 ހިމެނޭ މުދާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ ކަނޑުމަގު ކަމަށް ވުމާއިއެކު މިކަމުގައި ރައްކާތެރިކަން އިތުރުކުރުމަކީ ދެމެހެއްޓެނިވި އިޤްތިސާދީ ކުރިއެރުމަށް ވަރަށް މުހިއްމުކަމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އެއްމެހައި އިޤްތިސާދީ މަސައްކަތްތައް ގުޅިފައިވަނީ ކަނޑާއިކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ދިވެހިރާއްޖޭގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފުރިހަމައަށް ގަބޫލުކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ.

އަދި ދަތުރުފަތުރުގެ ދާއިރާއަށް ޒުވާނުން ނުކުތުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި މީގެތެރޭގައި އަންހެނުން މިދާއިރާއަށް ނުކުތުމަކީ އަންހެނުން ބާރުވެރިކުރުމަށް މުހިއްމު ކަމެއްކަމުގައި ދަންނަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. މިއާއިއެކު ގިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބާރުއަޅަމުންދާ މިފަދަ ޒަމާނެއްގައި ކަނޑުދަތުރުފަތުރު ކުރުމުގެ އެންމެހައި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް މިކަމަށް މަގުފަހިކުރުމަށްޓަކައި އެ މިނިސްޓްރީއިން ވަރަށް ބޮޑު އިސްކަމެއް ދީ ކެމްޕޭނެއް ކުރިއަށް ގެންދާނެކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ ފަހު ބުރާސްފަތި ދުވަހު ފާޙަގަކުރާ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ރާއްޖޭގައި މި ދާއިރާގައި މަސައްކަތްކުރާ އެންމެހައި ޚިދުމަތްތެރިންނާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނަރަލްއަށް ވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައި އެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން މިއަހަރުގެ ކަނޑުދަތުރުފަތުރުގެ ދުވަހަށް ކަނޑައަޅާފައިވާ ޚާއްސަ ޝިޔާރަކީ "މުސްތަޤްބަލަށް ދަތުރުކުރުން: ފުރަތަމަ ރައްކާތެރިކަން" މި ޝިއާރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ