
--
ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ކަމަށްވާ، ރެސްޕިރޭޓޮރީ ސިންސީޝިއާ ވައިރަސް (އާރްއެސްވީ) ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވާން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކުޑަކުދިންގެ މެދުގައި އާރްއެސްވީގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ހާލަތު ކައިރިން ބަލަމުން އަންނަ ކަމަަށެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުނަ ނުދިނުމަށް އަޅަން ކެހޭ ރައްކާތެރި ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
"މިގޮތުން އަތް ދޮވުމާއި، މީހުން ގިނަ ތަންތަނަށް އެއްވެ ނޫޅުން ފަދަ ފިޔަވަޅުތައް އެޅުމަށް އެދެން،". އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސާއި ކިނބިހި އެޅުމާއި، ނޭވާލާން އުނދަގޫ ވުމާއި، މޭގައި ރިއްސުން ހިމެނޭއިރު، މިފަދަ އަލާމަތްތައް ފެންނަ ނަމަަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. މިއާއިއެކު އަވަހަށް ބަލި ދެނެގަނެވި ފަރުވާ ކުރެވިއްޖެ ނަމަ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.
، ރެސްޕިރޭޓޮރީ ސިންސީޝިއާ ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަހެކެވެ. މި ވައިރަސް ފެތުރެން މެދުވެރިވަނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހެއް ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުންނެވެ.