އަމިއްލަ ދަނޑުގައި އަލަވޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
9/24/2024, 9:10:09 PM
ރެއަލް މެޑްރިޑާއި އަލަވޭސް ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އެސްޕަނިއޯ އަތުން އެޓީމު މޮޅުވެފައިވާއިރު، އަލަވޭސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ.
މިސީޒަނުގައި ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުގައި އެޓީމުން 17 ލަނޑު ކާމިޔާބުކުރިއިރު، އޭގެތެރެއިން މެޗެއްގެ ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލޫކަސް ވާސްކެޒް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ރެއާލް މެޑްރިޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ.
އަލަވޭސުން މިމެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަބް ކާލޯސް ބެނާވިޑޭޒް އެވެ. މިއީ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހުސް ފުރުސަތެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެ އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބު ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ތަޖުރިބާކާރު ފޯވާޑް ކިކޭ ގާސިއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ރެއާލް މެޑްރިޑަށް 17 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލަވޭޒް ކުޅުނު ހަތް މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ އަށް ވަނައިގައެވެ.