ތަފާތުބޮޑު ނަތީޖައަކުން ވިލަރެއާލް ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
9/22/2024, 7:06:32 PM
ބާސެލޯނާ އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓަށް ލީޑި ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޖިރޯނާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-3 ގެ ނަތީޖައަކުން ކާމިޔާބުކުރީ ވިލަރެއާލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އަދި ބްރެޒިލްގެ ފޯވާޑް ރަފީނިއާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕަބްލޯ ޓޮރޭސް އެވެ.
މީގެ އިތިރުން މިމެޗުގައި ވިލަރެއާލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް އަޔޯޒޭ ޕެރޭޒް އެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެ ތިން ލަނޑަކީ ވެސް އޮފްސައިޑް ލަނޑު ކަމަށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ބާސެލޯނާ،މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ވިލަރެއާލް ލިގުގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު އެޓިމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.