logoEN
cocacola
ރަށުން ބޭރުގައި އަލް އިއްތިފާގު އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް

ރަށުން ބޭރުގައި އަލް އިއްތިފާގު އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

9/20/2024, 8:07:37 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ކްރިސްޓިއާނޯ ރޮނާލްޑޯ# އަލް އިއްތިފާގު # އަލް ނަސްރު

އަލް ނަސްރު އާއި އަލް އިއްތިފާގު ވާދަކުރި މެޗުގެ ތެރެއިން..

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް އިއްތިފާގު އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން ލީގު ތާވަލުގެ ހަތަރު ވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މިމެޗަކީ އަލް ނަސްރުގެ ކޯޗު ސްޓެފާނޯ ޕިއޯލީ މަގާމާއި ހަވާލުވި ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 902 ވަނަ ލަނޑެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ލީޑު ފުޅާކުރުމަށް އަލް ނަސްރަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ލީޑު ފުޅާކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ސާލިމް އަލް ނަޖުދީ އެވެ. މިއީ އެޓީމުގެ ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި އަލް ނަސްރުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން އަލް ނަސްރަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އިއްތިފާގު ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ