logoEN
cocacola
ތިބާއާ ކުރިމަތިވެދާނެ މުސީބާތަކުން ނަޖާކޮށްދޭން އެދޭނަމަ, އެހެންމީހުންނާ ކުރިމަތިވާ މުޞީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް މަސައްކަތް ކުރާށެވެ!

ތިބާއާ ކުރިމަތިވެދާނެ މުސީބާތަކުން ނަޖާކޮށްދޭން އެދޭނަމަ, އެހެންމީހުންނާ ކުރިމަތިވާ މުޞީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް މަސައްކަތް ކުރާށެވެ!

އަލްފާ އަލީ

logo

9/20/2024, 8:24:34 AM

# ހުތުބާ

-

ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ, "އެންމެ މަންފާހުރި މީހާ" މި މައުޟޫއަށެވެ.

ރަސޫލާ ސަައްލަالله އަލައިހި ވަސައްލަމަ ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "(ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ) "މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާއެވެ. އަދި ﷲ عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ: އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުމެވެ. މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެއެވެ."

މި ޙަދީޘްފުޅުގައި، އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ސަައްލަالله އަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެމީހުން ހިތުގައިނުޖެއްސުމެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމެވެ. މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް އަދި އެއަށްފަހު ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ. އަދި އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީވެ, އެ މީހުންގެ ކަރުނަތައް ފުހެލައިދިނުމަށް މަސައްކަތް ކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

ނަބިއްޔާ ސަައްލަالله އަލައިހި ވަސައްލަމަ ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެތެވެ. ﷲގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެތެވެ."

މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެއް ކަމަށް ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމާއި, އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުން ނުވަތަ ދަރަނި އެއްކޮށް މާފުކުރުމަކީ މަތިވެރި ސަވާބު ލިބިގެންވާ ކަމެއް ކަމުގައި ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ނަބިއްޔާ ސަައްލަالله އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދަރަނި އަދާކުރުން ލަސްކޮށްދިން މީހާއަށް އެއީ ކޮންމެ ދުވަހަކު އެ މިންވަރުން ކުރެވޭ ޞަދަޤާތެކެވެ. އަދި ދަރަނި އަދާކުރުމުގެ އެ މުއްދަތު ހަމަވުމުން، އިތުރަށް ލަސްކޮށްދިނުމަކީ، އެ މިންވަރުން ކުރެވޭ ދެ ޞަދަޤާތެވެ."

މާތް ﷲގެ ޙަޟްރަތަށް ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުމެވެ. ދިވެހީންނަކީ މިކަމުގައި ނަމޫނާ ބައެއް ކަމަށް ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުމަކީ, ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ