ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ރަސްމާލެ މަޝްރޫޢު ހަޤީޤަތަކަށް ހައްދަވާނެ - ހީނާ
އަހުމަދު ޝުރާއު
9/18/2024, 2:47:12 PM
--
ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅެއް ކަމަށާއި ރަސްމާލެ މަޝްރޫޢު ހަޤީޤަތަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ހީނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަން ފާހަގަ ކުރައްވާ، ރަސްމާލެ މަޝްރޫޢު މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމުގައި ހީނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްވެގެން އައިއިރު، އެ މަޖިލީހުގައި އޮތީ އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީއެއް ކަމަށާއި އެ މަޖިލީހުން ކުރެއްވި އެންމެ ދަތިވި އެއް ކަމަކީ އެ މަޝްރޫޢު ކުރިއަށް ނުގެންދެވޭނެހެން ބަޖެޓް ފާސްކުރުން ކަމުގައި ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަނީ ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކުގެ މަޢުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަމުންނެވެ. އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެ ވުޒާރާއާއި ގުޅުންހުރި ދާއިރާތަކުން ކުރަމުން އަންނަ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.