
ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓުކުރަން ބިލެއް ހުށަހަޅާކަށް ނޫޅޭ - ހީނާ
# ނޫސްވެރިކަން# ހީނާ ވަލީދު--
ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކުރަން ބިލެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކަފުޅު ސަރުކާރުން ދޮގުކޮށްފި އެވެ.

އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓްކުރުމާ ބެހޭ އާ ބިލެއްގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއްހައި ދުވަސްވެއްޖެ ކަމަށާއި މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅައި، ހިޔާލަށް ފުރުސަތު ހުޅުވައިލެވޭނެ ކަމަށެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނާޒިމް ދެއްކެވި މި ވާހަކަފުޅާއި އެކު މިއަދު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށެވެ.
އަދި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތް ކަމަށާއި ކުރިންވެސް ސަރުކާރުން ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
މީގެ އިތުރުން މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމަށް ހީނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުވެސް މީޑިއާ ރެގިއުލޭޓްކުރަން ބިލެއް ހުށަހެޅިއެވެ. އެކަމަކު، ނޫސްވެރިންގެ ކަންބޮޑުވުން ބޮޑުވުމާ އެކު، އެ ބިލު ފަހުން ވަނީ ބޭރުކޮށްލައިފައެވެ.
ގުޅުންހުރި

މޫސުން ގޯސްވުމާއިއެކު މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމުކޮށްދޭން ސަރުކާރުން މަސައްކަތް ފަށައިފި

ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓުކުރަން ބިލެއް ހުށަހަޅާކަށް ނޫޅޭ - ހީނާ

ސޯޝަލް މީޑިޔާގެ ޕްލެޓުފޯމުތަކެއް ބްލޮކްކުރަން ސަރުކާރުން ނޫލޭ - ހީނާ
