-
ގައުމީ އިސްލާމީ ލައިބްރަރީ އަންނަ އަހަރު ޖެނުއަރީ މަސް ތެރޭގައި ގާއިމްކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ, އަންނަ އަހަރު ޖެނުއަރީ މަސްތެރޭގައި ގައުމީ އިސްލާމީ ލައިބްރަރީ ކިންގް ސަލްމާން ސެންޓަރުގައި ގާއިމްކުރެވިގެން ދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ, މީގެ ކުރިން އިސްލާމީ މަރުކަޒުގައި އިސްލާމީ ލައިބްރަރީއެއް ގާއިމްކުރެވިފައިވީ ނަމަވެސް މިހާރު ހުރީ އެތަން ބަންދުކޮށް ފޮތްތައް ގުދަންކޮށްފައި ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކިންގް ސަލްމާން މަރުކަޒުގައި ގައުމީ އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތައް މިހާރު ހުރީ ހުސްކޮށް ކަމަށާއި, އެތަންތަނުގައިވެސް ލައިބްރަރީ ގާއިމްކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުން އަންނަ ކަމަށެވެ.
ލައިބްރަރީ ގާއިމްކުރުމަށް ނިންމާފައިވާ ތަންތަން
- ތިނަދޫ އިސްލާމީ މަރުކަޒު
- އުނގޫފާރު އިސްލާމީ މަރުކަޒު
- ދިއްދޫ އިސްލާމީ މަރުކަޒު
- އައްޑޫސިޓީ ހިތަދޫ އިސްލާމީ މަރުކަޒު
- ފުވައްމުލައް ސިޓީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު
- ކިންގް ސަލްމާން މަރުކަޒު
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ, ޖެނުއަރީ މަހު ކުރީ ކޮޅުގައި ކިންގް ސަލްމާން މަރުކަޒުގައި ގައުމީ އިސްލާމީ ލައިބްރަރީ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ވުޒާރާގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ލައިބްރަރީ ގާއިމްކުރަން ނިންމާފައިވާ ރަށްރަށުގައި ލައިބްރަރީ ގާއިމް ކުރުން ކަމަށެވެ.