
ފަސޭހަކަމާއެކު ސީއެޗްޑީސީ ބަލިކޮށް އެމްއެންޑީއެފް ޗެންޕިއަންކަން ހޯދައިފި
# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ފިރިހެން ދެވަނަ ޑިވިޝަންއެމްއެންޑީއެފް ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާލުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ފައިނަލުގައި މިރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗްޑީސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 16-24 ގެ ނަތީޖާއަކުން މޮޅުވެ އެމްއެންޑީއެފް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

އެމްއެންޑީއެފް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 12-17 ގެ ނަތީޖާއަކުން އިމިގްރޭޝަން ބަލިކުރުމަށްފަހު އެވެ. އަދި ސީއެޗްޑީސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 25-14 ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމްއެންޑީއެފް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 13-07 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީއެޗްޑީސީއަށް ކާމިޔާބުކުރެވުނީ ނުވަ ލަނޑެވެ.
އެގޮތުން މިމެޗުގައި އެމްއެންޑީއެފްގެ އަހުމަދު ނަޖީބު (ޑަންކް) 12 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ޝަމްމާލް އަދި މުސްތަފާ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު އަދި ނާބިތު އިސްމާއިލްގެ އިތުރުން މުހައްމަދު ޒައިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ސީއެޗްޑީސީގެ މުހައްމަދު ޔަޝްމު އަހުމަދު 10 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ރީހާން، އަހުމަދު އަފްސަން، އަލީ އިމްދާދު ރަޝީދު އަދި ޝައިހާން ޝައުކަތު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ އަހުމަދު ނަޖީބު (ޑަންކް) އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ.
ގުޅުންހުރި
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި
ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން 12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފި

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި
