ފަސޭހަކަމާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
9/16/2024, 12:00:00 AM
ބާސެލޯނާ އާއި ޖިރޯނާ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ޖިރޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ވަލަޑޮލީޑް އަތުން 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު މޮލުވެފައިވާއިރު، ޖިރޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުވެސް 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޖިރޯނާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ދާދި ހަމަހަަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިހާފުގައި ބާސެލޯނާ އިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އަދި މި ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ޑެނީ އޯލްމޯ އަދި ޕެޑްރީ މިއިން ކޮންމެ ކުޅުންތެރިއަކު އިތުރު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ޖިރޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއަން ސްޓުއާނީ އެވެ. އަދި އޭގެ ހަމިނެޓް ފަހުން ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނާގައި މިވަގުތު ބާސެލޯނާ އޮތްއިރު، މިމެޗުން ބަލިވި ޖިރޯނާ ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ.