ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވީސީ ޑިއާމެޑް ބަލިކޮށް ޕޮލިސް ކުލަބުން ފެށުން ރަނގަލުކޮށްފި
ހަސަން ޝަމްއޫން
9/15/2024, 7:15:00 PM
ޕޮލިސް ކުލަބާއި ވީސީ ޑިއާމެޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ވީއޭއެމް
މިހާރު މާލޭގައި ކުރިއަށްދާ "ކާވާ ވިމެންސް ކުލަބު ޗެންޕިއަންޝިޕް2024" ގައި މިރޭ ރާއްޖޭގެ ޕޮލިސް ކުލަބާއި ތަޖިކިސްތާނުގެ ވީސީ ޑިއާމެޑް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓް ނުވަ ޕޮއިންޓްގެ ލީޑަކައެކު 16-25 ގެ ނަތިޖާއަކުން ޕޮލިސް ކުލަބު ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކައެކު 14-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ތަޖިކިސްތާން ޓީމުން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް މާބޮޑު އުނދަގުލަކާއި ނުލައި ޕޮލިސް ކުލަބުން މިސެޓް ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ފަރަގަކާއެކު 19-25 ނަތީޖާއަކުންނެވެ.
15 ސެޕްޓެންބަރު 2024 އިން 21 ސެޕްޓެންބަރު 2024 އަށް މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބަރާތުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އަދި ރަނަރަޕް ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލްގެ ގައުމީ ޗެންޕިއަން ޕޮލިސް ކުލަބު، ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރ ފޯސް ކުލަބުގެ އިތުރުން އުޒްބެކިސްތާންގެ ހުމޯ ކްލަބް އަދި ތަޖިކިސްތާންގެ ވީކޭ ޑިއާމެޑް އެވެ. އަދި މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ހޯދާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭގޮތަށެވެ.