ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އެމްއެންޑީއެފް ބަލިކޮށް ސްޓެލްކޯ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
9/15/2024, 3:56:53 PM
އެމްއެންޑީއެފް އާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ސްޓެލްކޯ ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 16-15 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ދެވަނަ ޖާގަ ސްޓެލްކޯ އިން ހޯދައިފިއެވެ.
އެމްއެންޑީއެފް މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި 23-15 ގެ ނަތީޖާއަކުން ކުޅިވަރު ވުޒާރާ ކުލަބު ( ކޭވީސީ) ބަލިކުރުމަށްފަހު އެވެ. އަދި ސްޓެލްކޯ ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 20-12 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްލަނޑުގެ ލީޑަކާއެކު 8-7 ގެ ނަތީޖައަކުން ސްޓެލްކޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް އިތުރު އަށް ލަނޑު ކާމިޔާބުކުރިއިރު، ސްޓެލްކޯ މިމެޗުން މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފާތުމަތު ތުހުފާ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ކީޕަރު އައިނާ ލަތީފް އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.