ހާލަންޑްގެ ދެލަނޑާއެކު ބްރެންޓްފޯޑް އަތުން ސިޓީއަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
9/15/2024, 12:00:00 AM
މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން....
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ވެސްޓްހަމް އަތުން މޮޅުވެފައިވާއިރު، ބްރެންޓްފޯޑްގެ އެންމެ ފަހު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖައަކުން ސައުތުހެމްޓަން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން ސިޓީ މޮޅުވިއިރު، ބްރެންޓްފޯޑް ވެސް ވަނީ ދެމެޗުން މޮޅުވެފައެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ބްރެންޓްފޯޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮންގޯގެ ފޯވާޑް ޔޯން ވިސާ އެވެ. އަދި މެންޗެސްޓާ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެރްލިންގް ހާލަންޑް އެވެ.
މެންޗެސްޓާ ސިޓީ އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފާއިތުވެދިޔަ ދެ ސީޒަނުގެ ޕްރެމިއާ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ހާލަންޑް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެނެވެ.
މެޗުގެ ދެވަނަ ހާފު ސިޓީ އިން ފެށީ ވެސް ދެ ބަދަލާއެކުގައެވެ. އަދި މިހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ލިބުނު 12 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނާގައި އޮތްއިރު، މެޗުން ބަލިވި ބްރެންޓްފޯޑް ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.