ޔުނައިޓެޑް ބީއެމްއެލް އަތުން މޮޅުވެ، ސެމީގެ ފަހު ޖާގަ ސްޓެލްކޯއަށް
ހަސަން ޝަމްއޫން
9/13/2024, 5:15:00 PM
ޔުނައިޓެޑް ބީއެމްއެލް އާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި މިރޭ ޔުނައިޓެޑް ބީއެމްއެލް އާއި ސްޓެލްކޯ ވާދަކުރި މެޗު 12-20 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީފައިނަލުގެ ފަހުޖާގަ ސްޓެލްކޯ އިން ހޯދައިފިއެވެ.
ސްޓެލްކޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުނައިޓެޑް ބީއެމްއެލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސްޓެލްކޯ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 13-07 ގެ ނަތީޖާއަކުން ސްޓެލްކޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ސްޓެލްކޯ އިން އިތުރު ހަތް ލަނޑު ކާމިޔާބުކުރިއިރު، ޔުނައިޓެޑް ބީއެމްއެލްއަށް ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ގޯލުކީޕަރު އައިނާ ލަތީފް އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.