ވަރުގަދަ ސީއެޗްޑީސީ ކަޓުވާލުމަށްފަހު އެމްސީއެސް ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
9/13/2024, 4:15:00 PM
ސީއެޗްޑީސީ އާއި އެމްސީއެސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި މިރޭ ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗްޑީސީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 21-23 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްސީއެސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ސީއެޗްޑީސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޭވީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 7-7 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެމްސީއެސް އިން އިތުރު 16 ލަނޑު ކާމިޔާބުކުރިއިރު، ސީއެޗްޑީސީއަށް ކާމިޔާބުކުރެވުނީ އިތުރު 14 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްސީއެސްގެ ހައްވާ ސުލެއިމާން އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.