ވާދަވެރި ކުޅުމަކަށްފަހު ކޭވީސީ ބަލިކޮށް އެމްއެންޑީއެފް ސެމީ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
9/13/2024, 3:15:00 PM
އެމްއެންޑީއެފް އާއި ކޭވީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ދެވަނަ މެޗުގައި މިރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކުޅިވަރު ވުޒާރާ ކުލަބު (ކޭވީސީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 23-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްއެންޑީއެފް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެމްއެންޑީއެފް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޭވީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 11-08 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެމްއެންޑީއެފް އިން އިތުރު 15 ލަނޑު ކާމިޔާބުކުރި އިރު، މިހާފުގައި ކޭވީސީ އިން ވަނީ އިތުރު ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ ޝައުފާ ޝިއުތު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.