ފަސޭހަކަމާއެކު އެސްއެސްއާރު ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ އެމްއޯއީއަށް
ހަސަން ޝަމްއޫން
9/12/2024, 4:30:29 PM
އެމްއޯއީ އާއި އެސްއެސްއާރު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މިރޭ ސަން ސިޔާމް ރިސޯޓް (އެސްއެސްއާރު) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 28-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އެމްއޯއީ އިން ކަށަވަރުކޮށްފިއެވެ.
އެމްއޯއީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެސްއެސްއާރު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 11-05 ގެ ނަތީޖާއަކުން އެމްއޯއީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެމްއޯއީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު 17 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެސްއެސްއާރަށް ކާމިޔާބުކުރެވުނީ ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޯއީގެ މަރިޔަމް މަނާލް އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.