ފަސޭހަކަމާއެކު ވެމްކޯ ބަލިކޮށް އިމިގްރޭޝަނުން 8 ވަނަ ފަހަރަށް ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
9/10/2024, 7:15:55 PM
އިމިގްރޭޝަން ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ .. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ފައިނަލުގައި އިމިގްރޭޝަން އާއި ވެމްކޯ ވާދަކުރި މެޗު ފަސޭހަކަމާއެކު 42-23 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ،އިމިގްރޭޝަނުން މުބާރާތުގެ ޗެންޕިއަންކަން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ހޯދައިފިއެވެ.
އިމިގްރޭޝަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި ވެމްކޯ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެމްޕީއެލް ބަލިކުރުމަށްފަހު އެވެ.
މުޅި މެޗުގައި ވެސް އިމިގްރޭޝަންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10 ލަނޑުގެ ލީޑަކާއެކު 22-12 ގެ ނަތީޖާއަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 20 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވެމްކޯއަށް ކާމިޔާބުކުރެވުނީ 11 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ފާތުމަތު އަރުޝާ އެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ މަރިޔަމް ލީން މުހައްމަދު (އިމިގްރޭޝަން)، ފާތުމަތު އަރުޝާ(އިމިގްރޭޝަން)، ފާތުމަތު ރިޝްމާ (އިމިގްރޭޝަން)، ޒުހާ ހުސެއިން (އެމްޕީއެލް)، ފާތުމަތު ޝިފާ(އިމިގްރޭޝަން)، އާމިނަތު އިސްރާއު އަބްދުއް ޝުކޫރު (އިމިގްރޭޝަން) އަދި އައިޝަތު ރިމާ (އިމިގްރޭޝަން) އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.