ބީއެމްއެލް ކަޓުވާލުމަށްފަހު އިމިގްރޭޝަން ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
9/9/2024, 6:15:20 PM
ޔުނައިޓެޑް ބީއެމްއެލް އާއި އިމިގްރޭޝަން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި އިމިގްރޭޝަން އާއި ޔުނައިޓެޑް ބީއެމްއެލް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހުން 29-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިމިގްރޭޝަން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިމިގްރޭޝަން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުނައިޓެޑް ބީއެމްއެލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 16-11 ގެ ނަތީޖާއަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ބީއެމްއެލް އިން ވަނީ 14 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުﷲ ޒަހުވާން އިމްތިޔާޒް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ.