ރައުލްގެ މޮޅު ކުޅުމާއެކު އެމްސީއެސް ކަޓުވާލުމަށްފަހު ސްޓެލްކޯ ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
9/9/2024, 5:15:48 PM
އެމްސީއެސް އާއީ ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ސްޓެލްކޯ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 19-17 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ސްޓެލްކޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެމްސީއެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސްޓެލްކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް އޭގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ބަލިވިއިރު، މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 11-09 ގެ ނަތީޖާއަކުން އެމްސީއެސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ސްޓެލްކޯ އިން ވަނީ އެޓީމުގެ ކުޅުނު ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މިހާފުގައި ސްޓެލްކޯ އިން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްސީއެސްއަށް ކާމިޔާބުކުރެވުނީ އިތުރު ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އަހުމަދު ރައުލް އެވެ. އޭނާ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ.